• 'ކުރިއަށް އޮތް 20 އަހަރަށް ލަފާކުރާ ޤައުމީ ތަރައްޤީގެ ޕްލޭން' އެކުލަވައިލައި، ދެމެހެއްޓެނިވި ގޮތެއްގައި ތަންފީޒުކުރުމާ ގުޅޭގޮތުން ކުރައްވަންޖެހޭ މަސައްކަތްތައް، ތިރީގައިވާ ކަންކަމަށް ރިޢާޔަތް ކުރައްވައިގެން ކުރިއަށްގެންދެވުން.

ހުށައެޅުއްވި ފަރާތް

ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ

ޖަލްސާ ބޭއްވުނު ތާރީޚު

16 ސެޕްޓެމްބަރު 2024


ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު

ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.

ކަރުދާހާ ގުޅޭ ނިންމުންތައް

- ޤައުމީ ތަރައްޤީގެ މައިގަނޑު އަސާސަކީ ލޮލަށް ފެންނަ ތަރައްޤީއާއި، ޤައުމިއްޔަތުގެ އެންމެހައި ބަހާތައް ހިމެނޭހެން ޤައުމިއްޔަތު ދިރުވައި، އާލާކޮށްދޭ އިންސާނީ ތަރައްޤީކަމަށްވުމާއެކު، މި ދެ ބާވަތުގެ ތަރައްޤީ ހާސިލުވާނެ ގޮތަށް މި ޕްލޭން އެކުލަވައިލުން.

- ޤައުމީ ތަރައްޤީގެ ޕްލޭންގައި ހިމެނޭ މައިގަނޑު އަސާސްތައް، ޤާނޫނުއަސާސީގައި ހިމަނައި،
މި ޕްލޭނަށް ޤާނޫނީ ހިމާޔަތްތެރިކަން ލިބިދިނުން. އަދި މި ޕްލޭނަށް ބަދަލު ގެނެވޭނެ މިންގަނޑުތައް ހިމެނޭ ގޮތަށް، ވަކި ޤާނޫނެއް އެކުލަވައިލުން.

- ހުށަހަޅުއްވާފައިވާ ގޮތަށް، އިކޮނޮމިކް ޑިވެލޮޕްމަންޓް، ސޯޝަލް ޕްލޭނިންގ، އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް، ގަވަރނަންސް އަދި ސްޕޭޝަލް ޕްލޭނިންގ ދާއިރާއިން ކަމާބެހޭ ތަޖުރިބާކާރުންގެ ޓީމެއް، ދިވެހިންގެ ކޮންޓްރޯލް އޮންނަ ގޮތަށް އެކުލަވައިލައި، އެ ޓީމް ލީޑުކުރާ ފަރާތެއްގެ ގޮތުގައި، ދިވެހިވަންތަ ދިވެހިންގެ ވިސްނުމާއި، ޤައުމިއްޔަތު ހިމާޔަތްކުރެވޭނެ ޤާބިލު ދިވެއްސަކު ހަމަޖެއްސުން. އަދި އެ ޓީމަށް ރާއްޖެއިން ބޭރުން ގެންނަ ފަރާތްތައް ކަނޑައެޅުމުގައި، އެ ފަރާތްތަކުން ކޮށްފައިވާ މަސައްކަތްތަކާއި، އެ ފަރާތްތަކުގެ ވިސްނުން ހުރި ގޮތެއް ބެލުން.

- ހުށަހަޅުއްވާފައިވާ ޓައިމްލައިންގައިވާ ގޮތަށް، މި ޕްލޭނާ ގުޅޭ ޢަމަލީ މަސައްކަތްތައް، 2024 ވަނަ އަހަރުގެ ނޮވެންބަރުމަހު ފަށްޓަވައި، 12 މަސްދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމުން.

- މި މަސައްކަތަށް ޚާއްޞަކޮށް، ޕްރޮޖެކްޓް މެނެޖްމަންޓް ޔުނިޓެއް ހަދައި، އެކިއެކި މިނިސްޓްރީތަކާ މަޝްވަރާކޮށްގެން މިކަމަށް ބޭނުންވާ މުވައްޒަފުން ހަމަޖައްސައި، ކަނޑައެޅިފައިވާ ޓައިމްލައިނާ އެއްގޮތަށް މަސައްކަތްތަކުގެ އިންތިޒާމުތައް ހަމަޖެއްސުން.

- މިއީ ދިގު މުއްދަތެއްގައި ރާއްޖޭގެ ތަރައްޤީގެ ކަންކަން ރާވާނެ ގޮތުގެ މައްޗަށް އެކުލަވައިލެވޭ ޕްލޭނެއް ކަމަށްވުމާއެކު، ސިޔާސީ ޕާޓީތަކުގެ ބައިވެރިވުން މިކަމުގައި އޮތުމަކީ މުހިއްމުކަމަކަށް ވާތީ، އެ ފަރާތްތަކުގެ ބައިވެރިވުން ހޯދުމަށްޓަކައި ކުރެވެންހުރި މަސައްކަތްތައް ކުރުން.

- މިފަދަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް ހިނގަމުންދާ ކަމާއި، މި ކަމުގައި ހުރިހާ ރައްޔިތުންގެވެސް ބައިވެރިވުން އޮތުމުގެ މުހިއްމުކަން ރައްޔިތުންނަށް އަންގައިދީ، މިކަމަށް ރައްޔިތުން އަހުލުވެރިކުރުވުމަށްޓަކައި، މި ކަމަށް ޚާއްޞަކޮށްގެން މީޑިއާ ޔުނިޓެއް ގާއިމުކުރުން.

- މި މަސައްކަތަށް މިހާރު ހަމަޖެހިފައިވާ ފައިސާގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތައް ބައިވެރިކޮށްގެން، އެ ކުންފުނިތަކުން ކުރާ މަސައްކަތެއްގެ ބާވަތުން ދެވެން ހުރި އެހީތެރިކަމެއް، އެ ކުންފުނިތަކުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުން ހަމަޖެއްސޭތޯ ބެލުން.

- މި މަސައްކަތާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގެ އެންމެ އިސް ފަރާތެއްގެ ގޮތުން، އެންމެ ފުރަތަމަ ސިޔާސަތު ކަނޑައަޅާ ފަރާތަކީ އަދި އެންމެ ފަހުގެ ނިންމުން ނިންމަވާ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށްވުމާއެކު، މަސައްކަތްތައް ރޭވިފައިވާ ގޮތް އަންގައިދިނުމަށް ހުށަހަޅާފައިވާ ޗާޓު (އޯގަނޮގްރާމް) އެ ކަން ފެންނާނެ ގޮތަށް އިޞްލާޙްކުރުން.

- މި މަސައްކަތްތައް ކުރިއަށް ގެންދަވާ މައި އިދާރާއަކީ މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ކަމުގައިވީނަމަވެސް، މި ކަމާ ގުޅޭ ކަންކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ގަވާއިދުން ބަލަހައްޓަމުން ގެންދިއުން. އަދި މި މަސައްކަތްތައް ކުރިއަށް ދާ ގޮތުގެ އެންމެ ފަހުގެ އަދާހަމަ، ކޮންމެ ދެ ހަފްތާއަކުން އެއް ހަފްތާ، ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރުން. އަދި މި މަޢުލޫމާތު ކޮންމެ ދެ މަހަކުން އެއް މަހު، ވަޒީރުންގެ މަޖިލީހާ ހިއްސާކުރުން.

- މި ޕްލޭން ހެދުމުގެ މަސައްކަތް ފެށުމުގެ ކުރިން، ދިވެހިރާއްޖޭގެ ތަރައްޤީގައި ސަރުކާރުގެ ތަޞައްވުރު ރައްޔިތުންނަށް އަންގައިދިނުމަށްޓަކައި ގިނަ ބަޔަކު ބައިވެރިވާ ގޮތަށް، ބޮޑު މަހާސިންތާއެއް ބޭއްވުން.

- މި މަސައްކަތަކީ މުޅި ރާއްޖެ ޝާމިލުވާ ކަމަކަށްވުމާއެކު، ދައުލަތުގެ އެންމެ މަތީ ފެންވަރުގައި، ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާ ހަފްލާއެއްގައި މި ޕްލޭން އިފްތިތާޙްކުރާ ގޮތަށް ހަމަޖެއްސުން.