ފިސްކަލް އަދި މަނިޓަރީ ގޮންޖެހުންތަކާ ގުޅިގެން ޙައްލެއް ހޯދުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ

ހުށައެޅުއްވި ފަރާތް

މިނިސްޓަރ އޮފް ފިނޭންސް

ޖަލްސާ ބޭއްވުނު ތާރީޚު

25 އޯގަސްޓު 2024


ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު

ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.

ކަރުދާހާ ގުޅޭ ނިންމުންތައް

* ސަރުކާރުން ކުންފުނިތަކަށް ދޭންހުރި ފައިސާގެ ތަފްސީލާއި އެ ފައިސާ ދޭންހުރި ބޮޑެތި ވެންޑަރުންނަށް ދެވިދާނެ ޙައްލުތަކާ ގުޅޭ

• ދައުލަތުން އެކި ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގައި ތިރީގައިވާ ގޮތަށް ޢަމަލުކުރެއްވުން.
- ދައުލަތަށް ލިބޭ އާމްދަނީން މި ފައިސާ ދައްކާ ހަލާސްކުރުން. މިގޮތުން ކޮންމެ މަހަކު ވެންޑަރުންނަށް ދެއްކުމަށް ކަނޑައެޅޭ ފައިސާގެ އަދަދަށް ބަލައި، އެންމެ ގިނަ ދުވަސްވީ ބިލުތަކުގެ ތަރުތީބުން، ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ފައިސާ ދެއްކުމުގެ ކަންކަން ކުރިއަށް ގެންދެވުން. އަދި ކަނޑައެޅޭ ވަކި މިންވަރަކަށްވުރެ ދަށުގެ ބިލުތަކަށް ފައިސާ ދައްކާނެ އަދަދެއް ކަނޑައަޅައި، ދެބައި ވަކިން ބެލެހެއްޓުން.
- ނުދެއްކިހުރި ފައިސާގެ ބަދަލުގައި، ވެންޑަރުންނަށް އިތުރު އާމްދަނީއެއް ލިބޭނެ ފަދަ ޓީ-ބޮންޑަކަށް އެ ފައިސާ ބަދަލުކުރުމުގެ ފުރުސަތު ދިނުން. މި ޓީ-ބޮންޑުގެ މެޗުއަރިޓީ ކަނޑައެޅުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް ފިނޭންސްއަށް ލިބިދިނުމަށާއި، މާލީ ޙާލަތު ރަނގަޅުވުމުން މި ފައިސާ ދައްކާ ހަލާސްކުރުން.
- ދައުލަތުން ދައްކަންޖެހޭ ފައިސާގެ ބަދަލުގައި، ބިމެއް ކުއްޔަށް ނެގުމަށް ބައެއް ވެންޑަރުން ޝައުގުވެރިވާކަން ފާޅުކޮށްފައިވުމާއެކު، އެ ފަދަ ފަރާތްތަކަށް އެ ފުރުސަތު ދެވޭ އިންތިޒާމު ހަމަޖެއްސެވުން.
- ދައުލަތުން ދައްކަންޖެހޭ ފައިސާ، އެ ވިޔަފާރިތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާ (ޚާއްޞަކޮށް މީރާއަށް ޓެކުހުގެ ގޮތުގައި ދައްކަންޖޭ ފައިސާ)، އިން އޮފްސެޓް ކުރުން.
- އެކިއެކި ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް، ކަމާބެހޭ ފަރާތްތައް ހިމެނޭ ގޮތަށް ޓާސްކްފޯހެއް އެކުލަވައިލައި، އެ ފައިސާ ހޯދުމުގެ މަސައްކަތް ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރެއްވުން.
- މިނިސްޓްރީ އޮފް ފިނޭންސްއިން ހުށަހެޅުއްވި ލޯނު އޮޕްޝަންތަކުގެ އިތުރަށްވެސް ކުރު މުއްދަތެއްގެ ތެރޭގައި ލޯނު ލިބޭނެ އިތުރު އޮޕްޝަންތައް ބައްލަވައި އެކަމަށް މަސައްކަތްކުރެއްވުން.

* ދިވެހިރާއްޖޭގެ ބޭރު ފައިސާގެ ބާޒާރު ހަރުދަނާކޮށް، ދިވެހި ރުފިޔާ އޮންނަ ޑިމާންޑް އިތުރުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހުށަހަޅާ ބަދަލުތަކާ ގުޅޭ

• ދިވެހިރާއްޖޭގެ ބޭރު ފައިސާގެ ބާޒާރު ހަރުދަނާކޮށް، ދިވެހި ރުފިޔާއަށް އޮންނަ ޑިމާންޑް މިހާރުން މިހާރަށް އިތުރުކުރެއްވުމަށްޓަކައި، ޤާނޫނުތަކާއި ގަވާއިދުތަކަށް ގެންނަވަންޖެހޭ ބަދަލުތައް ގެންނެވުމަށްފަހު، ތިރީގައިވާ ކަންކަން ތަންފީޒުކުރެއްވުން.
- ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން ރާއްޖެއަށް އެތެކުރާ މުދަލުން ނަގާ އިމްޕޯޓް ޑިއުޓީ، އެމެރިކާ ޑޮލަރުން ނަގަން ފެށުން.
- ބޭރު ފައިސާއިން ދޭ އުޖޫރައިން، ޤާނޫނު ނަންބަރު 2009/8 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) ގެ ދަށުން ޕެންޝަން ކޮންޓްރިބިއުޝަން، އެމެރިކާ ޑޮލަރުން ނަގަން ފެށުން.
- ބޭރު ފައިސާއިން އާމްދަނީ ލިބޭ ކުންފުނިތަކުގެ ކޯޕަރޭޓް އިންކަމް ޓެކްސް، އެމެރިކާ ޑޮލަރުން ދައްކާ ގޮތަށް ބަދަލު ކުރުން.