1. ގަވާއިދާ ޚިލާފަށް ދިވެހިރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ ޙައްލުކުރުމާ ގުޅޭ

ހުށައެޅުއްވި ފަރާތް

މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ

ޖަލްސާ ބޭއްވުނު ތާރީޚު

21 ޖުލައި 2024


ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު

ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.

ކަރުދާހާ ގުޅޭ ނިންމުންތައް

ގަވާއިދާ ޚިލާފަށް ދިވެހިރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށްޓަކައި، ތިރީގައި ދަންނަވާފައިވާ ކަންކަން ކުރިއަށް ގެންދެވުން.

o ގަވާއިދާ ޚިލާފަށް ދިވެހިރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށްޓަކައި، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައާއި، ރިޒޯޓްތަކާއީ، ސިނާޢީ ރަށްތަކާއި އަދި ދަނޑުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މަޢުލޫމާތާއި، 10 އިނގިލީގެ ފިންގަރޕްރިންޓް އަދި ފޭޝަލް ރިކޮގްނިޝަން (ބަޔޯމެޓްރިކްސް) ނަގައި އެ ބިދޭސީ މީހާ އައިޑެންޓިފައިކޮށް އެކައުންޓްކޮށް، ގަވާއިދާ ޚިލާފަށް ދިރިއުޅޭ ފަރާތްތައް ޤާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް ރެގިއުލަރައިޒޭޝަން ޕްރޮގްރާމެއް ހިންގައި އަދި އެނބުރި ޤައުމަށް ދާން ބޭނުންވާ ފަރާތްތަކަށް އެސިސްޓެޑް ވޮލަންޓަރީ ރިޓަރން (އޭވީއާރު) ޕްރޮގްރާމް ހިންގުން.

o ގަވާއިދާ ޚިލާފަށް ދިވެހިރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް އެންފޯސްމަންޓް ހަރުދަނާ ކުރުމަށް ތިރީގައިވާ ކަންކަން ތަންފީޒުކުރުން.

- ގަވާއިދާ ޚިލާފަށް ދިވެހިރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް މިވަގުތަށް، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުގެ ދަށުގައިވާ ލޭބަރ ރިލޭޝަންސް އޮތޯރިޓީ، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ދަށަށް ބަދަލުކުރެއްވުން.
- ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 65 ވަނަ މާއްދާގެ (ހ) ގެ ދަށުން ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށްފަހު، އެ ފަރާތްތަކާމެދު އިހުމާލުވާ ވަޒީފާދޭ ފަރާތްތަކާމެދު ތިރީގައިވާ ފިޔަވަޅުތައް އެޅުމަށް ވަޒީފާއާބެހޭ ޤާނޫނު އިޞްލާޙުކުރުން.

 * ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށްފަހު، އެ ފަރާތްތަކާމެދު އިހުމާލުވާ ވަޒީފާދޭ ފަރާތްތަކުގެ ލިސްޓު އެކުލަވައިލައި އާންމުކުރުން؛

 * މިގޮތަށް ވަޒީފާދޭ ފަރާތުން އިހުމާލުވާ ކޮންމެ މުވައްޒަފަކަށް 50,000 (ފަންސާސް ހާސް ރުފިޔާ) ގެ މަގުން ޖޫރިމަނާކުރުން؛
 * ތަކުރާރުކޮށް މިފަދަ ޢަމަލު ހިންގާ ވަޒީފާދޭ ފަރާތްތައް ޖޫރިމަނާކުރުމުގެ އިތުރުން، ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ވަޒީފާދޭ ފަރާތަށް ދޭ ޚިދުމަތްތައް ކަނޑައަޅާ ވަކި މުއްދަތަކަށް ހުއްޓާލުން.

- ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރުމާބެހޭ ގަވާއިދުތައް އަދި މިކަމާ ގުޅުންހުރި އެހެން ގަވާއިދުތަކާއި އުސޫލުތަކާ ޚިލާފުވާ ފަރާތްތަކަށް ކުރާ ޖޫރިމަނާ މުރާޖާކުރުން.

- ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅިގެން ދޫކުރާ ހުއްދަތަކަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތައް ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅުމުގެގޮތުން ޚިދުމަތްތައް ބްލޮކްކުރުން.

- މުވާސަލާތީ ޚިދުމަތްދޭ ފަރާތްތައް މެދުވެރިކޮށް، މޯބައިލްފޯނުގެ ޚިދުމަތް ހޯދާ ބިދޭސީން ގެ މަޢުލޫމާތުގެ ވެރިފިކޭޝަން ހެދުމަށްޓަކައި، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން ގާއިމުކޮށް ބަލަހައްޓާ ވަރކް ޕަރމިޓް ހުއްދައިގެ ދަށުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ މަޢުލޫމާތު ހިމެނޭ އެކްސްޕެޓް ސިސްޓަމް އާއި މުވާސަލާތީ ޚިދުމަތަށް އެދި ހުށަހެޅުމަށް، މުވާސަލާތީ ޚިދުމަތްދޭ ކުންފުނިތަކުން ބޭނުންކުރަމުންދާ ސިސްޓަމްތަކާ ގުޅާލައި، ވެރިފިކޭޝަން ހެދޭނެ އިންތިޒާމް ގާއިމުކުރުން.

- ގަވާއިދާ އެއްގޮތަށް ބިދޭސީން އުޅުމަށް މަގުފަހިކުރުމަށްޓަކައި، ވަރކްޕާމިޓް ވަޔަލޭޓްކުރާ ބިދޭސީންނަށް ސަރުކާރުގެ އެކިއެކި ޚިދުމަތްތައް ބްލޮކް ކުރޭވެނެ ގޮތްތައް ދިރާސާކޮށް ތަންފީޒުކުރުމުގެގޮތުން، ފޯނު ނަންބަރުގެ ޚިދުމަތް ބްލޮކް ކުރުމާއި، ދަތުރުފަތުރުގެ ޚިދުމަތް ބްލޮކް ކުރުން ފަދަ ކަންތައްތައް ކުރުން.

- ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅޭގޮތުން ހަދާފައިވާ ޤާނޫނުތަކާއި ގަވައިދުތަކާ އެއްގޮތަށް ޢަމަލުކުރޭތޯ ބަލައި މޮނިޓަރކޮށް ތަންފީޒުކުރުމަށް، ސްމާޓް އެންފޯސްމަންޓް ގާއިމުކުރުން. އަދި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ކޮންމެ ފަރާތަކަށްވެސް ރިޕޯޓުކުރެވޭނެގޮތަށް ރިޕޯޓިންގ ސިސްޓަމެއް ގާއިމުކުރުން.

- ވަޒީފާ އަދާކުރުމަށް ބިދޭސީއެއް ގެނައުމަށް ބޭނުންވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި ސަރުކާރުގެ އެކި އިދާރާތަކުން ދޫކުރާ ހުއްދަތައް ހުށަހަޅަންޖެހޭ ޙާލަތްތަކުގައި އެ ހުށަހަޅާ ހުއްދަތަކުގެ ޞައްޙަކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުން.

- އެކްސްޕެޓް ސިސްޓަމް ތެރެއިން މިހާރު ވަރކްޕާމިޓް ދެވޭ އުސޫލު ބަދަލުކޮށް، ރަށްރަށަށް ނުވަތަ ރިޒޯޓްތަކަށް ގެންދާ ބިދޭސީ މަސައްކަތްތެރިންގެ ވަރކްޕާމިޓް، އެ ރަށު ކައުންސިލުން ނުވަތަ އެ ރިޒޯޓަކުން ސިސްޓަމް ތެރެއިން އެންޑޯޒްކުރާ ޕާމިޓަކަށް ބަދަލުކުރުން.

- ދިވެހިރާއްޖޭގައި މަސައްކަތް ކުރުމަށް އަލަށް އަންނަ ބިދޭސީ ފަރާތްތައް، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި ކުރުމަށްޓަކައި އޮރިއެންޓޭޝަން ޕްރޮގްރާމެއް ހިންގުން.

- ބިދޭސީންނަށް ވަޒީފާ ދިނުމުގައި ޢަމަލުކުރަންޖެހޭ ޤާނޫނުތަކާއި ގަވާއިދުތަކަށް، އެކަމުގައި ޝާމިލުވާ ފަރާތްތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް ވީހާވެސް ބޮޑަށް އަހުލުވެރި ކުރުވުމަށްޓަކައި، ވަޒީފާ އަދާކުރުމަށް ބިދޭސީއަކު ގެނައުމަށް ނަގަންޖެހޭ ހުއްދަތަކާއި، ހުއްދަތަކަށް ދައްކަންޖެހޭ ފީތަކާއި، އަދި ވަޒީފާ ދޭ ފަރާތާއި ވަޒީފާއަދާކުރާ ފަރާތުގެ ޒިންމާއަކީ ކޮބައިކަން އަންގައި ދިނުމަށް އައުޓްރީޗް ޕްރޮގްރާމްތައް ހިންގުން.

o ގަވާއިދާ ޚިލާފަށް ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންގެ ސަބަބުން ދިވެހި ޒުވާނުންގެ ވަޒީފާގެ ފުރުޞަތުތަކަށް އެޅެމުންދާ ހުރަސްތައް ނައްތާލުމަށްޓަކައި، ގަވާއިދާ ޚިލާފަށް ބިދޭސީން ކުރާ ވިޔަފާރިތައް އޮޑިޓްކޮށް ޤާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އެޅުން.